04 އޮކްޓޯބަރު 2008
ޑރ. ޙަސަން ސަޢީދުގެ މެނިފެސްޓޯގައި ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި ހޭދަކުރަންޖެހޭ މިންވަރުތަކާ، އެކަންކަމަށް ފައިސާހޯދާނެގޮތް ޑރ. ޙަސަން ސަޢީދު ހާމަކުރައްވައިފިއެވެ. މިކަން ކުރެއްވީ މިރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާއެއްގައެވެ.
ޑރ. ޙަސަންގެ މެނިފެސްޓޯ ފަސްއަހަރަށް ބަހާލައިގެން ތަންފީޒުކުރުމަށްޓަކައި ފުރަތަމަ އަހަރަށް ހޭދަވަނީ 3.68 ބިލިއަން ރުފިޔާއެވެ. މި ހޭދަކުރެއްވުމަށްޓަކައި 1.13 ބިލިއަން ރުފިޔާ ހޯއްދަވަނީ ސަރުކާރުގެ އިސްރާފުގެ ބައިކުޑަކޮށްގެނެވެ. ބާކީ ބޭނުންވާ އާމްދަނީގެ ތެރެއިން 1.94 ބިލިއަން ހޯއްދަވަނީ އިތުރު ޓެކުހުގެ އާމްދަނީގެ ގޮތުގައެވެ. މީގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވާފައިވަނީ ކޯޕްރޭޓް ޓެކްސްއަށާއި މިހާރު ނެގުމެންދާ ޓެކްސްތަކުގެ އޮނިގަނޑު އިސްލާޙުކުރުމަށެވެ.
މީގެ އިތުރުން، ހިލޭ އެހީގޮތުގަ ރާއްޖެއަށް މިހާރުވެސް ލިބެމުންދާ އަދަދު ހިމަނުއްވީމާ ޑރ. ޙަސަންގެ ފުރަތަމަ އަހަރުގެ ބަޖެޓެއްގައި އިތުރު އާމްދަނީގެ ގޮތުގައި 4.34 ބިލިއަން ރުފިޔާ ލިބޭނެކަމަށް ހާމަކުރެއްވިއެވެ. ވީމާ، މެނިފެސްޓޯގައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ފުރަތަމަ އަހަރު ކުރައްވަންޖެހޭ ކަންތައް ކުރެއްވުމަށްފަހުގައިވެސް ޤައުމީ ރިޒާވްގައި 0.90 ބިލިއަން ރުފިޔާ އިތުރު ކުރެވޭނެކަމުގައި ވިދާޅުވިއެވެ.
ޑރ. ޙަސަން މިރޭ ހުށަހެޅުއްވި ފިނޭންސިންގ ޕްލޭންގައި ހިމެނެނީ ފުރަތަމަ އަހަރަށް ކުރައްވަން ޤަސްދުކުރައްވާ ހޭދަތަކެވެ. މީގެ ތަފްސީލްތައް ޙިއްޞާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތިން ދުވަހެއްގެ ތެރޭގައި މީޑިއާއާއި ބައްދަލުކުރައްވާނެކަމަށްވެސް ޑރ. ހަސަންގެ ކޭމްޕެއިން އޮފީހުން ވިދާޅުވެއެވެ.
ޑރ. ހަސަން ސަޢީދުގެ ފައިނޭންޝަލް ޕްލޭން ޑައުންލޯޑް ކުރައްވަން މިތާ ކްލިކް ކޮށްލައްވާ.