ހަސަން ސަޢީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 14 ޖެނުއަރީ 1970 ވަނަ އަހަރު ސ. ފޭދޫގައެވެ. ދީނީ ތަޢުލީމު ހާޞިލުކުރުމަށްޓަކައި ޕާކިސްތާނަށް ވަޑައިގަތީ ޢުމުރުން 11 އަހަރުގައެވެ. 7 އަހަރު ޕާކިސްތާނުގައި ދީނީ ތަޢުލީމު ހާޞިލުކުރުމަށް ފަހު ދެން ވަޑައިގަތީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ހާޞިލު ކުރެއްވުމަށެވެ. މެލޭޝިޔާގައި ޤާނޫނީ އަދި ޝަރުޢީ ރޮގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ޙާޞިލުރެއްވިއެވެ. އޭނާ ޕީ.އެޗް.ޑީ ހާޞިލު ކުރައްވާފައިވަނީ އޮސްޓްރޭލިގެ ކްއީންސްލެންޑު ޔުނިވަރސިޓީ އިންނެވެ. ޕީ.އެޗް.ޑީ ހާޞިލުކުރެއްވި ދާއިރާއަކީ ކޮންސްޓިޓުއުޝަނަލް ލޯއެވެ. ހަސަން ސައީދަކީ އޮސްޓްރޭލިޔާގެ އެންމެ އިސް ކޯޓުގައިއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަލިބިފައިވާ ޤާނޫނީ ވަކީލެކެވެ. ހަސަން ސަޢީދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަޒީފާގެ ތަޖުރިބާ ޙާޞިލުކުރައްވާފައެވެ. މިގޮތުން އޮސްޓްރޭލޭގައި އޭނާ ކިޔަވާ ވިދާޅުވި ޔުނިވަރސިޓީގައި ކިޔަވައި ދެއްވުމާއި، ރިސަރޗް މަސައްކަތާއި، ޑިގްރީ އަދި މާސްޓަރަސް ފެންވަރުގައި ޢިސްލާމީ ޤާނޫނު ތަޢާރަފު ކުރެއްވުމަށްޓަކައި މުޤައްރަރު ތައްޔާރު ކުރެއްވުން ހިމެނެއެވެ. އަދާކުރެއްވި ސަރުކާރުގެ ވަޒީފާތަކުގެ ތެރޭގައި ސްޓޭޓް އެޓާރނީ ކަމާއި، ޖިނާއީ ކޯޓާއި، ކުޑަކުދިންނާއި ބެހޭ ކޯޓުގެ އިސް ޤާޟީކަމާއި، ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ލޯ ކޮމިޝަނުގެ ރައީސްކަމާއި، ޖުޑިޝަލް ސަރވިސަސް ކޮމިޝަނުގެ ނާއިބު ރައީސްކަމާއި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ބޯޑް އޮފް ގަވަރނަރސް އަށް ދިވެހި ސަރުކާރުން ޢައްޔަންކުރައްވާފައިވާ މަންދޫބުކަން ހިމެނެއެވެ.
ޙަސަން ސައީދަކީ ރާއްޖެ އަށް ޒަމާނީ އިސްލާޙް ގެންނެވުމުގައި މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގައި ސިޔާސީ ޕާރޓީ ތައާރަފް ކުރުމުގައި ސަރުކާރުގެ މިސްރާބު ބަދަލު ކުރެއްވީ އޭނާ ދެއްވި ޤާނޫނީލަފާފުޅުގެމަތިންނެވެ. ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރެއްވުމަށްޓަކައި ޖިނާޢީ ޢަދާލަތުގެ ނިޒާމާއި ޤާނޫނުލްޢުޤޫބާތު ޒަމާނާއި އެއްގޮތަށް ބަދަލު ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުގެ ތެރެއިން ކުރެއްވުމަށް ފަހުރައްޔިތުންނަށް ބޭނުންވާ މުހިންމު އިސްލާޙްތައް ތަޢާރަފް ކުރެއްވުމަށް ރައީސް މައުމޫން ހުރަސް އަޅުއްވަން ފެއްޓެވުމުން، ރައްޔިތުންގެ ހައްގުގައި ވަޒީރުން ގެ މަޖިލީހުންފަހުގެ ތާރީޚް ގާ އިސްތިޢުފާދެއްވި ފުރަތަމަ ލީޑަރު ކަމުގާ އޭނާވަނީ ވެ ވަޑައިގެން ފައެވެ. ގިނަބަޔަކު ދެކޭ ގޮތުގާ، ރާއްޖެ ފަދަ ކުރި އަރަމުން އަންނަ ގައުމަކަށް ޒަމާނީ ތަރައްގީގެ އަވަސް ފިޔަފަޅުތަކެއް އަޅަން ޖެހިފާވާ މިވަގުތު، ޑރ. ހަސަން ސައީދަކީ ރާއްޖޭގެ ވެރިކަމަށް އިސްކުރުމަށް އެންމެ އެކަށީގެންވާ ބޭފުޅާއެވެ.